ޢަބްދުލް ޖަލީލް ޙުސައިން 27 އަހަރަށްފަހު ޝަރަފްވެރިކަމާއެކު ރިޓަޔާކޮށްފި
ހދ ނޮޅިވަރަމު ކައުންސިލް އިދާރާގެ ސީނިއަރ ފައިނޭންސް އޮފިސަރ އަލްފާޟިލް ޢަބްދުލް ޖަލީލް ޙުސައިން 27 އަހަރާއި 11 މަހާއި 22 ދުވަހަށްފަހު ރިޓަޔަރކޮށްފިއެވެ.
ޢުމުރުން 65 އަހަރުވުމުން ޢަބްދުލް ޖަލީލް ޙުސައިން ޝަރަފްވެރިކަމާއެކު ރިޓަޔަރކުރުމަށް ނޮޅިވަރަމު ކައުންސިލް އިދާރާގައި ވަނީ ކުލަގަދަ ޙަފްލާއެއް ބާއްވައިފައެވެ. ކައުންސިލް އިދާރާގެ އިދާރީ މުވައްޒިފުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، އަދި ކައުންސިލްގެ 5 މެމްބަރުން ގުޅިގެން ބޭއްވުނު މި ޙަފްލާގައި، އެތައް ދުވަހެއް ވަންދެން ކައުންސިލް އިދާރާއަށް ޚިދުމަތްކޮށްދެއްވާފައިވާތީ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައަކާއި ޚާއްޞަ ހަދިޔާއެއް ވެސް ވަނީ ދީފައެވެ.
އެގޮތުން ޙަފްލާގައި ނިންމާލުމުގެ ކުރިން ޖަލީލް ވަނީ މިއިދާރާގެ ހުރިހާ މުވައްޒިފުންނަށް ވަރަށް މުހިއްމު ނަޞޭޙަތެއް ވެސް ދީފައެވެ. އެންމެ ފުރަތަމަ ކަމަކަށް ބުނެފައިވަނީ ވެރިންގެ އަމުރަށް ކިޔަމަންވުމަށެވެ. އެހެނީ ވެރިން ހަވާލުކުރައްވާ މަސައްކަތްތައް ފަރުވާތެރިކަމާއެކު ނިންމަންޖެހޭ ވަޤުތަކަށް، ނިންމުނު އެންމެ ފުރިހަމައަށް ނިންމުމަށެވެ. ދެވަނަ ކަމަކަށް ޖަލީލް ފާހަގަކޮށްލީ ޑިއުޓީ ގަޑިއަށް ފަރުވާތެރިވުމަށެވެ. 27 އަހަރާއި 11 މަހާއި 22 ދުވަހު މިއިދާރާގައި މަސައްކަތްކޮށްފައިވާ ޢަބްދުލް ޖަލީލަކީ ދުވަހަކުވެސް މަސައްކަތަށް ނުވަތަ ޑިއުޓީއަށް ގަޑިޖެހުނު މުވައްޒަފެއް ނޫނެވެ. އެހެންކަމުން އެފަދައިން މަސައްކަތްކުރުމަށް ޖަލީލް ވަނީ އެންމެހާ މުވައްޒިފުންނަށް އިލްތިމާސްކޮށްފައެވެ.
ތިރީގައި އެވަނީ ޙަފްލާގެ ތެރެއިން ބައެއް ފޮޓޯތަކެވެ.